ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާތައް ލިބެމުންދާއިރު، ދެ އިންތިހާބު އެއްކޮށްލުމާ މެދު ގިނަ ބަޔަކު ނޫނެކޭ ބުނެފިއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ބޮޑު އަޣުލަބިއްޔަތަކުން ފެންނަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުން ތާއީދު ނުކުރާ ކަމަށެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މިހާތަނަށް ގުނާފައިވާ 1،330 އެއްހާ ވޯޓުގެ ތެރެއިން 67 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ. ރެފެރެންޑަމްގެ އިތުރުން މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާތަކަށް ބަލާއިރު، ގިނަ ސިޓީތަކެއްގެ މޭޔަރުކަމުގެ ރޭހުގައި ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދިޔަ މި އިންތިޚާބުތަކުގެ ވޯޓުލުން ނިންމާލުމަށް އެންމެ ފުރަތަމަ ކަނޑައެޅީ ހަވީރު 4:00 އަށެވެ. ނަމަވެސް، އާންމުންގެ ހުށަހެޅުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑި ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ގުނުމުގައި އެންމެ ފުރަތަމަ އިޢުލާނުކުރާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއެވެ. އޭގެ ފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ގުނާއިރު، އެންމެ ފަހުން ގުނުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 62.98 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ޖުމްލަ 185,709 މީހުންނެވެ.



