މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ގުނުމުގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގައި އުފެދުނު ދެބަސްވުންތައް ހައްލުކޮށް، އަލުން ވޯޓު ގުނަން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަމުންދަނިކޮށް މިރޭ 8 ޖަހާކަށް ހާއިރު މައްސަލަ ބޮޑުވީ ވޯޓު ކަރުދާސްތަކުގެ ތެރެއިން ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅި ގޮތާ މެދު އާންމުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކަކާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.
އީސީގެ ނައިބް ރައީސް ސޮލާހު ވިދާޅުވީ އެ ފޮށީގެ ބާތިލު ވޯޓު ގުނުމުގައި މައްސަލައެއް ދިމާވި ކަމަށާއި، ނަމަވެސް ކޮމިޝަނުން އެކަމަށް އެޓެންޑުވެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
މި އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަވީރު 4 ޖެހުމާ ހަމައަށް 185,709 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 92,567 އަންހެނުންނާއި 93,142 ފިރިހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62.9 ޕަސެންޓެވެ.
މިފަހަރުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 678 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުންނާއެކު ޖުމްލަ 1,356 މީހުން އިންތިހާބު ކުރާނެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ގިނަ ބަޔަކު ވޯޓު ދީފައިވަނީ އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.



