ރާއްޖޭގެ ބޮޑު ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް މިއަދު އިންތިހާބުވެއްޖެއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީ، ހދ. ކުޅުދުއްފުށީ ސިޓީ، ގދ. ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ދެ ވަނަ ދައުރަކަށް ކަށަވަރުވެފައެވެ.
މީގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރީ ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
ތިނަދޫ ސިޓީގެ ނަތީޖާއަށް ބަލާއިރު، އެ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ސައުދު އަލީ އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ވޯޓުގެ އަދަދުގައި މާ ބޮޑު ފަރަގެއް ނެތެވެ. މި ދެ ބޭފުޅުންގެ މެދުގައި އޮތީ ގާތްގަނޑަކަށް ފަންސާހަކަށް ވޯޓުގެ ފަރަގެއް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.
މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން، މި ފަސް ސިޓީގެ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މިހާތަނަށް އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބިނާކޮށް، ފަސް ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ކަށަވަރުވެފައިވާކަން އެ ޕާޓީން ވެސް މިހާރު ވަނީ ފާހަގަކޮށްފައެވެ.




