އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ކ. މާފުށީގެ ކައުންސިލު ރައީސްކަމުގެ ގޮނޑިއާއެކު ގިނަ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މާފުށީ ކައުންސިލްގައި ހިމެނޭ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ނެގީ ޕީއެންސީންނެވެ. އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި ލިބުނުއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.
މާފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި އަލީ ޝައްމޫނެވެ. މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝައްމޫނަށް 670 ވޯޓު ލިބުނެވެ. އޭނާއާ ވާދަކުރެއްވީ މިހާރު ވެސް ކައުންސިލްގެ ރައީސްއަކަށް ހުންނެވި ހަސަން ސޮލާހެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ސޮލާހަށް ލިބިވަޑައިގެންފައި ވަނީ 487 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގިނަ ގޮނޑިތަކެއް ވެސް ނެގީ ވެރިކަންކުރާ ޕީއެންސީންނެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު ސަމްސީނާ މުހައްމަދެވެ. ބާކީ ހުރި ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ހޯދިއިރު، އެއް ގޮނޑި އެމްޑީޕީ އަދި އަނެއް ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކަށް ވަނީ ލިބިފައެވެ.




