އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަން އިސްލާހުކުރަން ލިބޭ ފުރުސަތުތަކެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަގްސަދުތަކުގެ ތެރޭގައި އިންތިހާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިހާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ.
އެގޮތުން އިންތިހާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށާއި އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި.“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މި އިންތިހާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް. މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ.
އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ، މި އިންތިހާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތަށް ވެސް ކުރެއްވި މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.




