މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ފުރާނެ ތާރީޚުތައް ކަނޑައަޅައި، އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޙައްޖާޖީންގެ 50 އިންސައްތަ މީހުން ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިންގައެވެ. އަދި ބާކީ 50 އިންސައްތަ މީހުން ދަތުރުކުރާނީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ.
ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
ޙައްޖާޖީން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަނިވި ތާރީޚުތަކުގައެވެ:
- ފްލައިޓް 1: 15 މޭ – 242 މީހުން (ސައުދިއާ އެއާލައިން)
- ފްލައިޓް 2: 17 މޭ – 250 މީހުން (މޯލްޑިވިއަން)
- ފްލައިޓް 3: 18 މޭ – 243 މީހުން (ސައުދިއާ އެއާލައިން)
- ފްލައިޓް 4: 19 މޭ – 250 މީހުން (މޯލްޑިވިއަން)
ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5، 7، 8 އަދި 9 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ޖޫން 5 އަދި 8 ގައި ދަތުރުކުރާނީ ސައުދިއާ އެއާލައިންގައެވެ. އަދި ޖޫން 7 އަދި 9 ގައި ޙައްޖާޖީން ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ. ޙާޖީން ފުރަން ހަމަޖެހިފައިވާ ތާރީޚުތައް ޙައްޖު ކޯޕަރޭޝަނުން އެފަރާތްތަކަށް އަންގަމުންދާނެއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ކޯޓާގެ ދަށުން، ޙާޖީންނާއި އެފަރާތްތަކުގެ ޚިދުމަތުގައި ހަރަކާތްތެރިވާ އޮފިޝަލުންވެސް ދަތުރުކުރާނެއެވެ. ޙައްޖުގެ ފަހުގެ ތައްޔާރީތަކަށް ޙައްޖު މިޝަން ފުރުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 4 ވަނަ ދުވަހުއެވެ.
މިއަހަރުގެ އަރަފާތު ދުވަހަކީ މޭ މަހުގެ 26 ވަނަ ދުވަހެވެ.




