އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ، ޔަހޫދީންނާ ގުޅިގެން ފެބުރުވަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ މަދަނީ ބިނާތަކާއި ތަޢުލީމީ މަރުކަޒުތަކަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.
މި ހަނގުރާމައިގެ ސަބަބުން އީރާނުގެ މުހިންމު ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިހާތަނަށް އީރާނުގެ 30 ޔުނިވަރސިޓީއަކަށް ޙަމަލާދީފައިވާކަން ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދެއެވެ. މީގެ ތެރޭގައި ތެހްރާންގެ މުހިންމު ދިރާސާކުރާ މަރުކަޒެއް މުޅިން ސުންނާފަތިކޮށްލުން ހިމެނެއެވެ.
އީރާނުގެ ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މި ޙަމަލާތަކުގެ މަޤުޞަދަކީ އީރާނުގެ ޢިލްމީ ޤާބިލުކަން ނައްތައިލުމެވެ. މި ހަމަލާތަކުގައި އީރާނުގެ އިސް ސައިންޓިސްޓުންތަކެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ޞިއްޙީ ދާއިރާއަށް ދެމުންދާ ޙަމަލާތަކުގެ ތެރޭގައި ވެކްސިން އުފައްދާ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ހާމަކުރި ގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ 20 އަށްވުރެ ގިނަ ތަނަކަށް ވަނީ ޙަމަލާދީފައެވެ. މީގެ އިތުރުން، އިޤުތިޞާދަށް ގެއްލުން ދިނުމުގެ ގޮތުން ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ބުރިޖުތަކާއި، އިންޖީނުގެތަކަށް ވެސް ދަނީ ބޮން އަޅަމުންނެވެ.
މި ހަނގުރާމައިގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކުރާ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް ޤާނޫނީ މާހިރުން ދަނީ ބުނަމުންނެވެ.



