ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށްގެންދާ ”ދިވެހި ވަތަނީ ހިދުމަތް“ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މި ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑި ކުރިން ހަމަވާން އޮތީ މިއަދު މެންދުރުފަހު 14:00 އަށެވެ.
ނަމަވެސް، އެމްއެންޑީއެފްއިން މިއަދު ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މިހާރު މި ހަފްތާގެ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އޭގެ ތެރެއިން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބައިވެރިވާން ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
މި ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެއެވެ. ތިންވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައި ޅ. މާފިލާފުށީގައެވެ. މި ޕްރޮގްރާމަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމުގެ އިތުރުން، ތަމްރީނު ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންސާނުން ބިނާކުރުމާއި ގައުމުގެ ސިކުނޑިތައް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށި މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަހުލާގާއި ހުނަރު އަށަގެންނެވުމެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 108 ރަށަކުން 350 ޒުވާނުން ބައިވެރިވެ، އޭގެ ތެރެއިން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ބުރުގައިވެސް 112 ރަށަކުން 350 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.



