ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ، އީރާން ނަރަކައަކަށް ހަދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.
ދުނިޔޭގެ އިގްތިސާދަށް ބަލާއިރު ހޮރްމޫޒް ކަނޑުއޮޅިއަކީ އެންމެ މުހިންމު އެއް މަގެވެ.
ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެހެންކަމުން މި ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއެރުމަކީ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން އުފުލި، ބައިނަލްއަގުވާމީ ފެންވަރުގައި ހަމަނުޖެހުން އުފެދިދާނެ ކަމެކެވެ.
އީރާނުން މި ކަނޑުއޮޅި ބަންދުކުރިކަން އިއުލާނުކުރީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން މި ނިންމުން ނިންމީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ޓްރަމްޕް މިއަދު ދިން އިންޒާރުގައި ބުނީ، އަންގާރަ ދުވަހުގެ ކުރިން ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އިންޖީނުގެތަކާއި، ބްރިޖްތަކުގެ އިތުރުން މުހިންމު ހުރިހާ ތަންތަނަކަށް ހަމަލާދޭނެ ކަމަށެވެ.



