އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންގައި، ރ. ފައިނު ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ފައިނު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ސަމީރު އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ 210 ވޯޓު ހޯއްދަވައިގެންނެވެ.
ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެވެ. އެ ގޮނޑި ކާމިޔާބުކުރީ ވޯޓަކާ ނުލައިކަން ފާހަގަކުރެވެއެވެ.
ކައުންސިލްގައި ހުސްވެފައިވާ ދެން އޮތް ގޮނޑި ކާމިޔާބުކުރެއްވީ ކޮންގްރެސްގެ ކެންޑިޑޭޓް އަބްދުއްރައޫފް އަބްދުއްރަހްމާން އެވެ. އޭނާ ވަނީ 194 ވޯޓު ހޯއްދަވާފައެވެ. ރައޫފާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ވަހީދަށް ލިބިވަޑައިގަތީ 131 ވޯޓެވެ.
ކައުންސިލްގެ އިތުރުން ފައިނުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވެސް ކޮންގްރެސް ޕާޓީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އާމިނަތު ޒިދުނާ އެވެ. އަދި މެންބަރު ކަމުގެ ދެ މަޤާމަށް އިންތިޚާބުވީ ސާރާ އިބްރާހީމް އާއި ހަފީޒާ އިބްރާހީމް އެވެ.
މި ނަތީޖާއާއެކު ފައިނު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފުރިހަމަ ކޮންޓްރޯލް މިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައެވެ.




