އިއްޔެ ބޭއްވުނު އިންތިހާބުގައި ހއ. ވަށަފަރު ކައުންސިލްގެ ތިން ގޮނޑި އާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ކާމިޔާބު ކޮށްފިއެވެ.
ވަށަފަރު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ޝަމްއޫން އެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ 399 ވޯޓް ހޯއްދަވައިގެންނެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ފަރީޝާއެވެ. ފަރީޝާ 362 ވޯޓް ހޯއްދެވި އިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ވަހީދާއަށް ލިބުނީ 189 ވޯޓެވެ. މީގެ އިތުރުން ކައުންސިލް މެންބަރު ކަމަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ޒަހީން އެވެ. ޒަހީން 339 ވޯޓް ހޯއްދެވި އިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ޔާނިޝްއަށް ލިބުނީ 221 ވޯޓެވެ.
ކައުންސިލްގެ ގޮނޑިތަކުގެ އިތުރުން، ވަށަފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުސްވެފައިވާ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.




