ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
މި ދެ ބޭފުޅުންނަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު އިސް މަގާމުތަކަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ފިޔަވަޅު އަޅާފައި މިވަނީ ވެރިކަން ކުރާ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި އަސްމާ އެދިވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.
މުންދު އާއި ސަލްމާގެ އިތުރުން އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް ވެސް ހުންނެވީ މި ސަރުކާރުގެ އިސް މަގާމެއްގައެވެ. އޭނާ މިހާރު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މުންދުއާ ސަލްމާ މަގާމުން ވަކިކުރިއިރު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.



