މިރޭ އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދޭން އެ ޕާޓީގެ ލީޑާޝިޕުން ނިންމުމާ ގުޅިގެން، އެ ޕާޓީގެ ބައެއް މެންބަރުން ޖަލްސާ ބޮއިކޮޓް ކުރަން ފަށައިފިއެވެ.
ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި އެމްޑީޕީން އުންމީދު ކުރިވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ، އެކަން ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
ނަމަވެސް، މި ޖަލްސާގެ އެޖެންޑާގައި ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހިމަނާފައި ނުވާކަމަށް ލީޑާޝިޕުން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
މި ނިންމުމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ސޯޝަލް މީޑިއާގައާއި އެކި ވަސީލަތްތައް މެދުވެރިކޮށް ފަށާފައެވެ. އެ މީހުން ބުނަމުންދަނީ ”އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ރައީސް ނަޝީދު“ ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ޖަލްސާއެއްގައި ބައިވެރިނުވާނެ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި މައްސަލައާ އެކު، އިއްޔެއިން ފެށިގެން އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަންގެ ކޯޅުން އަލުން ބޮޑުވެ، އިންތިޚާބުގެ ކާމިޔާބީގެ ކްރެޑިޓް ހޯދުމުގެ ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މިރޭގެ ޖަލްސާއަށް ނަޝީދުގެ ސަޕޯޓަރުން ނުދިއުމަށް ބާރުއަޅައި ދަނީ ކެމްޕޭން ކުރަމުންނެވެ.




