ނިމިދިޔަ އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭން ނިންމުމުގެ ސަބަބުން އެ ޕާޓީގެ ބައެއް އާންމު މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.
ޖަލްސާގެ ތެރެއިން މެންބަރުން ދިޔައީ ”އަންނި ކޮބާ؟ އަންނި ކޮބާ؟” މިހެން ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
މިވަގުތު މާލޭގައި ހުންނެވި ނަމަވެސް، ރައީސް ނަޝީދު ވަނީ މި ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޕާޓީގެ ލީޑަޝިޕުން ނުދިނުމުން ކަމަށް މައުލޫމާތު ލިބެއެވެ. ނަޝީދުގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ލީޑަޝިޕުން ވަނީ ނިންމާފައެވެ.
ޖަލްސާ ފެށުމުގެ ކުރިން، އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ރައީސް ނަޝީދަށް ހާއްސަކޮށް ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް، ޖަލްސާ ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ގޮނޑި ވަނީ އެތަނުން ނަގާފައެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ ”އެކްސް“ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”މިރެއަކީ އުފާވެރި ރެއަކަށް ވިޔަސް، އެމަނިކުފާނު ހުންނެވީ ހިތްދަތިވެފައި“ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ފައިނަލްކުރިއިރު، ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އިންތިހާބީ މޭޔަރުން ވާހަކަ ދައްކަވާ ގޮތަށް އޮތެވެ.
ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާއަށް ބަދަލު ގެނެސް، ނަޝީދާއި ސޯލިހްގެ ވާހަކަފުޅުދެއްކެވުން ވަނީ އެޖެންޑާއިން އުނިކޮށްފައެވެ.



