ނިމިދިޔަ އިންތިހާބުތަކުގައި އިދިކޮޅު އެމްޑީޕީއަށް ސިޓީތަކުންނާއި ބައެއް ރަށްރަށުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއަކީ އުފާވެރި ރެއަކަށް ވިޔަސް، މިވަގުތު ހުންނެވީ ވަރަށް ބޮޑަށް ހިތްދަތިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓް ”އަނެއް ދިވެހިރާއްޖެ“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިރޭ ބާއްވާ އެމްޑީޕީގެ ކާމިޔާބީގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ރައީސް ނަޝީދަށާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ނުދޭން ޕާޓީގެ ލީޑަޝިޕުން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޕާޓީގެ ލީޑަޝިޕްގެ މި ނިންމުމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ މީސްމީޑިއާގައި އަދި މިރޭގެ ޖަލްސާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓުންނާއި ލޫކަސް ޖަލީލް ފަދަ ފަރާތްތަކުން ވަނީ ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ނުދާނެ ކަމަށް ބުނެފައެވެ.
ލޫކަސް ޖަލީލް އިތުރަށް ބުނެފައިވަނީ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ އެމްޑީޕީން ވެރިކަން ކުރި ގޮތް ރަނގަޅުވެގެން ނޫން ކަމަށާއި، އެއީ މިހާރު އޮތް ސަރުކާރު އެއަށްވުރެ ގޯސްވުމުން ކަމަށެވެ. މި މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.



