އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަގުތުން އިސްތިއުފާ ދިނުމަށް، އެމްޑީޕީ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) ގޮވާލައްވައިފިއެވެ.
މޫކޭ މިގޮތަށް ގޮވާލާފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ނިންމި ނިންމުމާ ގުޅިގެން، ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އާރުޑީސީގެ ހިޔާނާތުގެ ތުހުމަތުތަކެއް ކުރެވިފައިވާ މޫކޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި، ޣަފޫރު ވަނީ ޕާޓީގެ މަސްލަހަތު ނަގާލާފައި ކަމަށެވެ. އަދި އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވައި، އާންމު މެންބަރުން މާޔޫސްކޮށް ޕާޓީގެ ރޫހު މަރާލުމަކީ ޗެއާޕާސަން ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
”މިއީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫން. އުފާކުރަންވީ ރޭ ތިޔަ ގެއްލުވާލީ ޕާޓީގެ އެންމެ މަތީ މަސްލަހަތު. އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވަ ގަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް ރޫޙު މަރާލުމަކީ ވަގުތުން ޗެއަރ އިސްތިއުފާ ދޭންޖެހޭ ކަމެއް“ މޫކޭގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޖަލްސާ ކުރިއަށް ދިޔަ ވަގުތު ނަޝީދުގެ ސަޕޯޓަރުން ވަނީ ”އަންނި ކޮބައިތޯ“ ސުވާލުކޮށް އަޑުއުފުލާފައެވެ.




