މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި މާލެސިޓީގެ މޭޔަރު ކަމަށް ހޮވުމަށް މޫސާ އަލީ ޖަލީލަށް ތާއީދު ކުރެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި އޭނާއަށް ތާއީދުކުރި ފަރާތްތަކަށް ޝުކުރު އަދާ ކޮށްފިއެވެ.
އެ އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަ ކުރެއްވި މޫސާ އަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ 9377 (%30.42) ވޯޓެވެ. މޭޔަރުކަން ކާމިޔާބު ކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ވެސް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު މޫސާ އަލީ ޖަލީލް އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ، މާލެސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު ދެއްވައި، އެ އިންތިހާބުގައި ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސް މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ހަމައެއާއެކު އެ ޕާޓީގެ ލީޑަރޝިޕާއި އެންމެހާ މެންބަރުންނަށް ވެސް ވަނީ ޝުކުރު އަދާކޮށްފިއެވެ.
މީގެއިތުރުން، އޭނާއަށް ސަޕޯޓުކޮށް ވޯޓު ދިން ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވަމުން މޫސާ އަލީ ޖަލީލު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ވެސް ދަންނަވާފައެވެ.



