ސިއްހީ ދާއިރާއިން، އަދުގެ މި ސަރުކާރުގެ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ، މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަސް ކަމަށްވުމާއެކު މި ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.
އެގޮތުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބެލިއަސް، ސައިންސްގެ އަލީގައި ސިއްހީ ހިދުމަތާއި ފަރުވާ ބައްޓަން ކުރުމުގައި ދެވޭ އަހައްމިއްޔަތުކަން އެނގޭ ކަމަށެވެ.
އޭގެ ތެރެއިން ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، ދުންފަތުގެ ވަބާއިން ސަލާމަތްކުރުން، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުން، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އިން އަރައިގަތުން، ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދިނުން، ސިއްހީ ރެކޯޑުތައް އެއްކުރުމާއި ބެލެހެއްޓުން، ޓެލެ މެޑިސިން އާއި ޓެލެ ހެލްތު ފަދަ ހުރިހާ މަސައްކަތަކާއި އެކަންކަމާ ގުޅޭ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ސައިންސަށް އިތުބާރުކުރުމާއި އިތުބާރު ދެމެހެއްޓުމުގެ ހެޔޮ ވިސްނުމުގެ ހަގީގީ ފައިދާ ލިބޭނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާގައި ސައިންސްއާއެކު ކުރިއެރުމުގެ މައުޟޫއަށެވެ.
މިނިސްޓަރު ވިދާޅުވީ ސައިންސްގެ އެހީގައި ސިއްހަތަށްޓަކައި މަސައްކަތް ކުރުމަށް ބާރުއަޅާ އެ ޝިއާރުގެ ބޭނުމަކީ، ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީ ވެސް ޒަމާނީ ސައިންސާއި ސާބިތު ހިފޭ ތަހުލީލުތަކާއި ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މައުލޫމާތާއި ތަޖުރިބާއަށް ބަރޯސާވެގެން ކުރާ ކަންކަން ހެދުން ކަމަށެވެ.



