ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓްލޭޑީގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ސިއްހީ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލާ ގުޅިފައިވާކަން ފާހަގަކުރައްވަމުން ސައިންސް ގެ އަލީގައި ހޯދާ ސިއްހީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
މީގެއިތުރުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށެވެ. އދި އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި، އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.



