ފެނަކަ ކޯޕަރޭޝަންގެ އިސް ދެވެރިއަކު މަގާމުން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން އެވެ.
ފެނަކައިގެ އިސް ދެ ވެރިއަކު މަގާމުން ވަކިކުރިކަން އެނގިފައިވީނަމަވެސް، އެ ބޭފުޅުން ވަކިކުރި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
މީގެއިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު އިސްތިއުފާ ދެއްވައިފައިވާކަން ވެސް ވަނީ އެނގިފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފަ އެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ އިތުރުން، އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ މަގާމުން ވަކިކުރިއެވެ.




