އިންތިޚާބަށްފަހު ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ބުނެ ސިޔާސީ ވާދަވެރިން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ވާހަކަތަކަކީ މާކެޓުގެ ހާލަތާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކަކީ ވަކި އިންތިޚާބަކާ ގުޅިގެން ހިނގާ ކަންކަން ނޫން ކަމަށެވެ. އެގޮތުން އިންތިޚާބުގެ ކުރިން ވެސް ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށާއި، އަދި ދާދި ފަހުން އޮރެންޖު ފަދަ ތަކެތީގެ އަގު އުފުލުނީ ވެސް ބައިނަލްއަގުވާމީ ބާޒާރުގައި އެ ތަކެތި ލިބުމަށް ދަތިވުމާއި ޕޯޓް ކޮންޖެސްޝަން ފަދަ ސަބަބުތަކާ ހުރެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އިންތިޚާބުގެ ފަހުން އަގު ބޮޑުވާނެ ކަމަށް އެ ބައެއް ސިޔާސީ ފަރާތްތަކުން، އަޅުގަނޑުމެންނާ މި ވަގުތު ޚިޔާލު ތަފާތު ފަރާތްތަކުން އެ ދައްކާ ވާހަކަފުޅުތަކަކީ ސިޔާސީ ވާހަކަފުޅުތަކެއް. މާކެޓަކާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަސާސީ މުދަލުގެ ލިސްޓަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމަވާފައެވެ. އެގޮތުން ކުރިން އޮތް ތިން ބާވަތުގެ އިތުރަށް، 10 ބާވަތެއްގެ ކާނާއާއި، 10 ބާވަތެއްގެ މޭވާ ހިމެނޭހެން ޖުމްލަ 26 ބާވަތެއް އަސާސީ މުދަލުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން 164 ބާވަތެއްގެ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރާ މައިގަނޑު އެއް މަގަކީ ފްލައިޓްތަކުގެ ބެލީ ކާގޯ ކަމަށެވެ.
ވަކިވަކި ބްރޭންޑުތައް ލިބުމުގައި ދަތިތަކެއް ހުރެދާނެ ނަމަވެސް، ސަރުކާރުން ދަނީ ވިޔަފާރިވެރިންނާ ގުޅިގެން އިތުރު ގޮތްތައް ހޯދައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



