މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކާ ގުޅިގެން މިިދިޔަ މަހު ރެކޯޑް މިންވަރަކަށް ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ތޯރިގް ބުނިގޮތުގައި، މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 20 ފްލައިޓް ކެންސަލްވި އެވެ. އަދި މުޅި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 525 ފްލައިޓް ވަނީ ކެންސަލްވެފަ އެވެ. އެކަމުގެ ސަބަބުން ރާއްޖެ އަންނަން ބޭނުންވި އެތައް ހާސް ފަތުރުވެރީންނަށް ރާއްޖެ ނާދެވި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ކެންސަލްވާ ފްލައިޓްތަކުގެ އަދަދު މިހާރު ވަނީ ކުޑަތަންކޮޅެއް މަދުކުރެވިފަ އެވެ. މިހާރު އެވްރެޖްްކޮށް ކެންސަލްވަމުން ދަނީ ދުވާލަކު 16 ފްލައިޓް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނަމަވެސް، މިއީ ވެސް ވަރަށް މަތީ ނިސްބަތެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ލިބޭ ހީނަރުކަން ފޫބައްދައި، މި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާއާ އިސްރާއީލް އިސްވެ އީރާނަށް ހަމަލާދީ އީރާންގެ ވެރީން ޝަހީދުކޮށްލުމާއި ގުޅިގެން ފެށުނު ހަނގުރާމަ ދިގުލައި މުޅި ދުނިޔެ އޮތީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. މި ހަނގުރާމައިގެ އަސަރު ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
ރާއްޖެ އަންނަ ފަތުރުވެރީންގެ 30 އިންސައްތަ މެދުއިރުމައްޗާއި ގުޅިފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ވަރަށް ގިނަ ފްލައިޓްތައް ކޮންމެ ދުވަހަކު ދަނީ ކެންސަލްވަމުންނެވެ.




