ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު އައު އުޅަނދެއް ރަޖިސްޓްރީކޮށްދޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން އިސްލާހު ގެނެސްފިއެވެ.
މި އިސްލާހުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ މި ގަވާއިދުގެ އަށް ވަނަ އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވެއްޖެ ނަމަ، އިތުރު ލިޔެކިޔުންތަކަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މީގެ ކުރިން ގަވާއިދު އޮންނަ ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވެނީ ގަރާޖެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ.
މި ލުއި ލިބޭނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އައު އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ. އައު އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ ކުރިން ބޭނުންކުރަމުން އައި އުޅަނދު ނައްތާލުމަށް ފަހުގައެވެ.
މިގޮތަށް އުޅަނދު ބަދަލުކުރާއިރު ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އުޅަނދު ނައްތާލިކަމުގެ ލިޔުން ހުށަހެޅުމާއި، ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، ނައްތާލުމާ ހަމައަށް ބޭނުންކުރަމުން އައި އުޅަނދަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެ އުޅަނދަކީ ފާއިތުވި ފަސް އަހަރު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އުޅަނދު ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހަޅާއިރު، އުޅަނދު ރާއްޖެ އެތެރެކުރިކަމުގެ ލިޔުމާއި، އިމްޕޯޓް ޑިއުޓީ ދެއްކިކަމުގެ ލިޔުމުގެ އިތުރުން ރޯޑުވާދިނަސް ރިޕޯޓު ފަދަ ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެއެވެ.
ނަމަވެސް އައު އިސްލާހާއެކު، ކުރީގެ އުޅަނދު ނައްތާލައިގެން އާ އުޅަނދެއް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް މި އިޖުރާއަތްތަކުގެ ތެރެއިން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްްްޓްރީން ބުންޏެވެ.




