އީރާނުގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުގައި ތިބި އިންޑިއާގެ ރައްޔިތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ބޭރަށް ނުނިކުމެ ތިބުމަށް އީރާނުގައި ހުންނަ އިންޑިއާ އެމްބަސީން އަންގައިފިއެވެ.
އިންޑިއާ އެމްބަސީން ބުނެފައިވަނީ، އީރާނުގައި ތިބި އިންޑިއާގެ ރައްޔިތުން މި ވަގުތު ތިބި ތަންތަނުގައި މަޑުކުރުމަށާއި، ކަރަންޓު އުފައްދާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކާ ކައިރިނުވުމަށެވެ.
އަދި އުސް އިމާރާތްތަކުގެ މަތީ ފަންގިފިލާތަކުގައި ނޫޅުމަށާއި، އެމްބަސީން ކުއްޔަށް ހިފާފައިވާ ހޮޓާތަކުގައި ތިބި މީހުން ވެސް ބޭރަށް ނުނިކުމެ ތިބުމަށް ވަނީ އިރުޝާދު ދީފައެވެ. ހައިވޭތަކުގައި ދަތުރުކުރަން ޖެހިއްޖެ ނަމަ، އެމްބަސީއާ ގުޅައިގެން އެކަން ކުރުމަށް ވެސް ވަނީ އެދިފައެވެ.
އިންޑީއާ އެމްބަސީއިން މިހެން އަންގާފައިމިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދިން ވަރުގަދަ އިންޒާރަކާ ގުޅިގެންނެވެ.
ޓްރަމްޕް ބުނީ އީޓީ ގަޑިން މިރޭ އަށެއް ޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން އެއްބަސްވެ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، އީރާނުގެ އެތައް ހާސް އަހަރުވީ ތަހުޒީބެއް ނެތިކޮށްލާނެ ކަމަށާއި، އެއީ އަލުން އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އީރާނުގެ 90 މިލިއަން މީހުންގެ އާބާދީއަށް ސާފު ފެން ފޯރުކޮށްދޭ ކަރަންޓު އުފައްދާ ޕްލާންޓުތަކާއި ފެން މީރުކުރާ ޕްލާންޓުތައް ހިމެނޭ ގޮތަށް، އާންމު އިންފްރާސްޓްރަކްޗާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ.
މިއީ ފަހަކަށް އައިސް ޓްރަމްޕް އީރާނަށް އަމާޒުކޮށް ދެއްވި އެންމެ ހަރުކަށި އިންޒާރެވެ.



