އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުންނާއި ބައިނަލްއަގުވާމީ ވިޔަފާރިވެރިން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ”ސީފުޑް ވޮޗް“ ޕްރޮގްރާމުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންއެއް ކަނޑައަޅައިފިއެވެ.
މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މިއީ ރާއްޖެއަށާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެކެވެ.
އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަހައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހްތިޔާރު ކުރަން އެންމެ ރަނގަޅު ނުވަތަ ”ބެސްޓް ޗޮއިސް“ ގެ ގޮތުގައި ރޭޓް ކުރެވިފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކެވެ.
މި ކާމިޔާބީއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެއަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ.
”ސީފުޑް ވޮޗްއިން ވަކި ގައުމަކަށް ހާއްސަކޮށް ދޭ ރޭޓިންއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ދެމެހެއްޓެނިވި ކަމާއި ޒިންމާދާރު ކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމުގެ ހެއްކެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ރޭޓިންގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި، ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރިހޯދުމަށް މަގުފަހިވާނެއެވެ.




