އިސްރާއީލްގެ އޮފިޝަލުންތަކެއް އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުމާ ގުޅިގެން އެކަން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލްގެ އޮފިޝަލުން ހިންގި މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.
އަދި މިއީ އަލް-އަގްސާ މިސްކިތުގެ މުގައްދަސްކަމާއި އެތަނުގެ ގާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލްގެ އޮފިޝަލުން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތަކަށް އަރައިގަތުމެވެ. މީގެ އިތުރުން، މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ އިހުސާސްތަކާ ކުޅެ، މުސްލިމުންނަށް ކުރިމަތި ކުރި ވަރަށް ބޮޑު ފުރައްސާރައެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިންތަކުގެ ތެރޭގައި ހިމެނޭ މި ބިން ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ. އަދި އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ވަނީ ބާރުއަޅާފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، އެ ރައްޔިތުންގެ މިނިވަންކަމަށްޓަކައި ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.




