މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އާދެވި، ފާއިތުވި 40 ދުވަހު ބަންދުކޮށްފައި އޮތް ހޯމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ’ޓްރުތު‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެހެންކަމުން، އިރާނަށް ދޭން ނިންމި ”ފަނާކުރަނިވި“ ހަމަލާތައް މަޑުޖައްސާލައި، މިހާރު ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތަށް ހުއްޓާލަން އެމެރިކާއިން ވަނީ ނިންމާފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށްފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ ކާމިޔާބީ ހޯދާފައެވެ. މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުން، އެ ކައުންސިލުންވެސް ވަނީ ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވާކަން ކަށަވަރުކޮށްދީފައެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ހޯމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތަށް މިހާރު ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، އެ ކަނޑުއޮޅި ބޭނުންކުރެވޭނީ އިރާނުގެ ސަލާމަތީ ބާރުތަކާއި ކޯޑިނޭޓްކޮށްގެން އަދި ފަންނީ ލިމިޓޭޝަންތަކަށް ރިއާޔަތްކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކަށް އައުމުގައި ޕާކިސްތާނުގެ ވެރިން އަދާކުރެއްވި ދައުރަށް އަރަގްޗީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިރާނުން އެއްބަސްވުމަކަށް އައީ އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ މައްޗަށް ބިނާކޮށް މަޝްވަރާކުރުމަށް އެދުމުންނާއި، އިރާނުން ހުށަހެޅި 10 ނުކުތާގެ އާންމު އޮނިގަނޑު ރައީސް ޓްރަމްޕް ބަލައިގަތުމުންނެވެ.
އެމެރިކާއިން ހަމަލާތައް ހުއްޓާލުމާއެކު އިރާނުގެ އަސްކަރިއްޔާއިންވެސް ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ވަނީ ދެއްވާފައެވެ.


