އެސްޓީއޯއަށް އިތުރު ހަތަރު ފަރާތަކުން ސިމެންތި ގެނެވޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ސިމެންތި ލިބުމުގެ ދަތިތަކެއް ހުރި ވާހަކަ ދެކެވެމުން ދިޔަ ކަމަށާއި އެހެންނަމަވެސް އެކަން ސަމާލުކަމަށް އައުމާއެކު އެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް، ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އަދި މިހާރުވެސް އެސްޓީއޯއަށް ސިމެންތި ގެންނަ ކަމަށާއި އެ ކުންފުންޏަށް ސިމެންތި ފޯރުކޮށްދޭނެ އިތުރު ހަތަރު ސަޕްލަޔަރުން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކުވެރި ޤައުމުތަކާއެކު ފޮރިން މިނިސްޓްރީން ކުރި މަސައްކަތްތަކުން، ސިމެންތި ގެނައުމުގެ މައްސަލައަށް އެގޮތުން މިހާރު ހައްލު ގެނެވިފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



