ރާއްޖޭގެ މާކެޓްގައި ސަންފްލާވާ އޮއިލް އާއި ކިރުގެ ބާވަތްތައް މަދުވަމުން އަންނަ ކަމަށާއި އެ ބާވަތްތައް ރާއްޖެއަށް އަވަހަށް އެތެރެކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މުދާ އަންނަ އިރު މުދާ ގެންނަ ބޯޓު ފަހަރުތައް އެންމެ ފުރަތަމަ ބަނދަރު ކުރަނީ ސްރީލަންކާގައި ކަމަށާއި ބޯޓު ފަހަރުތައް ބަނދަރުގައި މަޑުކުރުމަށްފަހު ރާއްޖެއަށް އަންނަ އިރު ލަސްތަކެއް ދިމާވަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ވެސް ކޮލަމްބޯގައި 4200 ކޮންޓެއިނަރުގެ މުދާ މަޑުޖެހިފައި ހުރި ކަަމަށް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.
ވިޔަފާރިވެރިންނާއި އިމްޕޯޓް ކުރާ ފަރާތްތަކާ އެއްކޮށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އިމްޕޯޓް ކުރުމުގައި ސްރީލަންކާގައި މަޑުޖެހި ގިނަ ދުވަސްވީމަ ބާޒާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ މާކެޓްގައި ސަންފްލާވާ އޮއިލް އާއި ކިރު މަދުވަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށާއި އެ ދެ ޕްރޮޑަކްޓް ރާއްޖެއަށް ގެނައުން އަވަސްކުރަން ބާޒާރުން ރިކުއެސްޓްކޮށްފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އެ ދެ ބާވަތަކީ ރާއްޖެއިން ބާޒާރުގައި ހުރި މުދާތަކުގެ ތެރެއިން މޮނިޓާ ކުރަމުން އަންނަ 164 އަސާސީ ބާވަތުގެތެރޭ ހިމެނޭ ދެބާވަތް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި މާކެޓުން އެ ބާވަތްތައް ހުސްނުވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މާކެޓުން އެ ބާވަތްތައް ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރުވެސް ވިޔަފާރިވެރިން ވަނީ 80 ކޮންޓެއިނަރެއް އަވަަސްކޮށްދިނުމަށް އެދިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްތްރީ ވެސް ގުޅިގެން ސްރީލަންކާއާ އެކު މަޝްވަރާކޮށް މުދާތައް ރާއްޖެއަށް އވަަހަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަން ބައެއް ވިޔަފާރިތަކުން ފާހަގަކުރަމުން އަންނަ އިރު އެ ކަމުގައި ވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. އަދި 2027 ނޮވެމްބަރާ ހަމައަށް ދާއިރު، ތިލަފުށީގައި އެމްޕީއެލްގެ އާ ބަނދަރެއް ގާއިމްކުރަން ނިންމާފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ޕޯޓުން މުދާ ކްލިއާ ކުރުމުގައި ދިމާވާ ގިނަ މައްސަލަތަކަށް އެހިސާބުން ހައްލު ލިބިގެން ދާނެ ކަމަށެވެ.



