ބ. ހިތާދޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް އެމްޓީސީސީއިން ނިންމައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ދަށުން ހިތާދޫއިން 15 ހެކްޓަރުގެ ބިންހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނިގޮތުގައި، ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މިހާރު ކުރިއަށްދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ. މީގެ އިތުރުން، ހިއްކާ ބިމުގެ ރައްކާތެރިކަމަށްޓަކައި 691 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ 6 ފައިކަށި ލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ޖުމްލަ 137 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



