ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނަމަ، ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް ހަނގުރާމަ އަލުން ފަށަން ޖެހިދާނެ ކަމުގެ އިންޒާރެއް އީރާނުން ދީފިއެވެ.
އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ، ލުބުނާނަށް ހަމަލާ ދެމުންދާ ޒަޔަނިސްޓުންގެ އަމަލުތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުނުކޮށް ދޫކޮށްލަން ޖެހިދާނެ ކަމަށެވެ.
އޭނާ ވަނީ އިސްރާއީލުގެ ދައުލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ މެދުއިރުމަތީގައިވާ ”މޮޔަ ބަލި ޖެހިފައިވާ ކުއްތާއެއް“ގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެ އިތުރުން، ތަރުޖަމާނު ވަނީ އިސްރާއީލަކީ އެ ސަރަޙައްދުގައި ކެންސަރު ބަލި ފަތުރާ ”ޓިއުމަރެއް”ކަމަށް ވިދާޅުވެ، އެ ގައުމުގެ އުދުވާނުތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ލުބުނާނުގެ ރައްޔިތުންނަކީ އީރާނަށްޓަކައި ފުރާނައިން ގުރުބާންވެފައިވާ ބައެކެވެ.
އީރާނުން ލުބުނާނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އެންމެ ހިނދުކޮޅަކަށް ވެސް އީރާނުން ލުބުނާނުގެ ރައްޔިތުން ދޫކޮށެއް ނުލާނެ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލް އަދި އީރާން ކުރަމުން އައި ހަނގުރާމަ ދެ ހަފްތާއަށް ރޭ މެދުކަނޑާލާފައިވަނީ ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ހުށަހެޅަމަށެވެ. ޕާކިސްތާނުން ވަނީ 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން އެމެރިކާ އަދި އީރާނުން ވެސް ވަނީ ބަލައިގެންފައެވެ.
ނަމަވެސް ލުބުނާނަށް ހަމަލާދިނުން ނުހުއްޓާނަން ކަމަށް ބުނެ އީރާނާ އެކީ ވެވުނު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވެ، އީރާނަށާއި ލުބުނާނަށް އަދިވެސް ދަނީ ހަަމަލާތައް ދެމުންނެވެ.




