އެމްޑީޕީ މަގުމަތިވެފައި އޮއްވައި އެ ޕާޓީ ނަގާ ކޮޅަށް ޖެހީ އޭނާ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަޕޯ މިހެން ވިދާޅުވީ، އެމްޑީޕީން އާޓީފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ޕާޓީގެ ލީޑަޝިޕުން ނުދިން މައްސަލަ ހޫނުވެ، އޭނާ މަގާމުން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ގަޕޯ ވަނީ އެ ޖަލްސާގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މެންބަރުންނަށް ކިޔައިދެއްވާފައެވެ. ގަޕޯ ވިދާޅުވީ އެ ޖަލްސާގައި ވާހަކަދެއްކުމަށް ކުރިން ހަމަޖެހިފައިވަނީ މޭޔަރުންނާއި، ޑަބްލިއުޑީސީގެ ރައީސާއިންނާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް ކަމަށެވެ. ނަމަވެސް، ޖަލްސާ ފެށެން އުޅެނިކޮށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅުއްވައި ވާހަކަދައްކަން ބޭނުންވާ ކަމަށް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފުރުސަތު ނުދިން މައްސަލައާ ގުޅޭގޮތުން ގަޕޯ ވިދާޅުވީ، ފައްޔާޒްގެ ފޯނަށްފަހު ރައީސް ނަޝީދު ގުޅުއްވައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ.
”އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީކީ، ނިންމާނީ ކެބިނެޓް ކޮމެޓީގައި މަޝްވަރާކޮށްފައޭ، އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ، އަޅުގަނޑު ފޯނު ނުބޭއްވޭ ބްރޭކިން ނިއުސް އަރުވައިފި، ޖަލްސާ ބޮއިކޮޓް ކޮށްފައި،“ ގަޕޯ ވިދާޅުވިއެވެ.
ޕާޓީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ، ވޭތުވެދިޔަ ތިން އިންތިހާބާއި ހަތަރު ބައި-އިލެކްޝަނުން ޕާޓީ ފެއިލްވެ މަގުމަތިވި ފަހުން ޕާޓީ ކޮޅަށް ޖެހީ އޭނާ ކަމަށެވެ.
އަދި މިއަދު ޕާޓީއަށް ލިބޭ ކާމިޔާބީގެ ކްރެޑިޓް އޭނާ އަމިއްލައަށް ނަންގަވަން ބޭނުންފުޅު ނުވާ ކަމަށާއި، އެއީ ހުރިހާ ދާއިރާތަކެއްގެ މެންބަރުން ކުރި މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.




