އިސްރާއީލްގެ ޙަމަލާތަކުގެ ރައްދުގައި އިރާނުން އިސްރާއީލް ދައުލަތަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑައިލުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީޢަތްތައް އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އަލުން ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު، އީރާނުން ވަނީ ރައްދުގައި ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ.
ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމާ ގުޅިގެން، ޔަހޫދީ އިސްރާއީލް ދައުލަތަށް އަމާޒުވަމުންދިޔަ ޙަމަލާތައް މިހާރު ވަނީ މަޑުޖެހިފައެވެ. އެއާއެކު، ޙަމަލާތަކާ ގުޅިގެން އިޢުލާނުކޮށްފައި އޮތް ކުއްލި ޙާލަތު މިހާރު ވަނީ އުވާލައިފައެވެ.
ޔަހޫދީ ކޯޓުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުއްލި ޙާލަތު އުވާލައި ޝަރުޢީ ނިޒާމު އަލުން މަސައްކަތްކުރަން ފަށާފައިވާތީ، ކުރިއެކޭ އެއްގޮތަށް ކޯޓުގެ އަޑުއެހުންތައް ތާވަލުކުރަމުން ދާނެ ކަމަށެވެ. މި ގޮތުން ނަތަންޔާހޫގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ ދުވަހާއި ބުދަ ދުވަހާ ދެމެދުގައެވެ.
ބެންޖަމިން ނަތަންޔާހޫއަކީ ޖިނާޢީ ކުށެއްގެ ދައުވާ އުފުލުނު ޔަހޫދީންގެ ފުރަތަމަ ބޮޑުވަޒީރެވެ. 2019 ވަނަ އަހަރު އޭނާގެ މައްޗަށް ރިޝްވަރު ދިނުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އިތުބާރު ގެއްލުވާލުމުގެ ދައުވާތައް ވަނީ އުފުލައިފައެވެ. މި މައްސަލަތަކުގެ ޝަރީޢަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.
ދައުވާތައް އުފުލިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިހާތަނަށް މައްސަލަ ނިމިފައި ނުވަނީ ރަސްމީ ޒިންމާ އަދާކުރުމަށް ނަތަންޔާހޫއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ނަމަވެސް މިހާރު އަލުން ޝަރީޢަތްތައް ފެށޭއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އައުމުގެ ފުރުޞަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.




