ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިއަދުން ފެށިގެން އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ހިނގާ ސަރަހައްދުތައް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރަމުންދާނެ ކަމަށެވެ.
ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށާއި، ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ މީހުން މޫދަށް އެރުމަށް ބޭނުންކުރަމުންދާ މުހިންމު ސަރަހައްދެކެވެ. ނަމަވެސް އެތަނުގެ ހާލަތު ދަށްވެފައިވާތީ، ރަސްފަންނާއި ސަލްޓަންޕާކު މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރައްވާފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީއާއެވެ. މި މަޝްރޫޢުގެ ދަށުން ރަސްފަންނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގައި ފެން ހިންދާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމާއި، ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އާ ފާޚާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރު ފަދަ ވަސީލަތްތައް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



