އަންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރުމަށް ފަސް އަންހެން ރެފްރީންނާއެކު ޖުމުލަ 170 ރެފްރީން ފީފާ އިން ހަމަޖައްސައިފިއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޫން 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ރެފްރީން ހޮވާފައިވަނީ ދުނިޔޭގެ 50 ގައުމަކުންނެވެ.
މި މުބާރާތަށް ނަގާފައިވަނީ 52 ރެފްރީންނާއި، 88 އެސިސްޓެންޓް ރެފްރީންގެ އިތުރުން 30 ވީޑިއޯ އެސިސްޓެންޓް ރެފްރީން (ވީއޭއާރު) އެވެ.
މި ފަހަރުގެ މުބާރާތަށް ފަސް އަންހެން ރެފްރީން ހޮވާފައިވާއިރު، މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައިވެސް އަންހެން ރެފްރީންނަށް ފުރުސަތު ދިން އަދަދެވެ. މުބާރާތަށް އެންމެ ގިނަ ރެފްރީން ހޮވާފައިވަނީ ދެކުނު އެމެރިކާގެ ދެ ބާރު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލުންނެވެ. މިއިން ކޮންމެ ގައުމަކުން ނުވަ ރެފްރީން ވަނީ ހިމަނާފައެވެ.
މުބާރާތް ބާއްވާ މައި ގައުމު ކަމަށްވާ އެމެރިކާއިން އަށް ރެފްރީން ހޮވާފައިވާއިރު، މެކްސިކޯ، ފްރާންސް އަދި އިނގިރޭސިވިލާތުން ކޮންމެ ގައުމަކުން ހަތް ރެފްރީން ވަނީ ނަގާފައެވެ. މީގެ އިތުރުން ނެދަލޭންޑްސް އާއި އުރުގުއޭއިން ފަސް ރެފްރީން، އަދި ސްޕޭން، ޖަރުމަނު، އިޓަލީ ފަދަ ގައުމުތަކުން ކޮންމެ ގައުމަކުން ހަތަރު ރެފްރީން ވަނީ ހިމަނާފައެވެ.
ކެނެޑާ، ސްވިޒަލޭންޑް، ޗައިނާ، ޔޫއޭއީ، ސައޫދީ އަރަބިއާ އަދި ޕޯޗުގަލް ހިމެނޭހެން ގިނަ ގައުމުތަކަކުން ތިން ރެފްރީން ހޮވާފައިވާއިރު، ޖަޕާން، ނިއުޒީލޭންޑް އަދި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން ދެ ރެފްރީން ވަނީ ހޮވާފައެވެ.
އަދި ބެލްޖިއަމް، ކްރޮއެޝިއާ، ސޯމާލިއާ އަދި ކެމަރޫން ފަދަ ގައުމުތަކުން ކޮންމެ ގައުމަކުން އެއް ރެފްރީއަކަށް ވަނީ ފުރުސަތު ދީފައެވެ.



