މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ޙުރުމަތްތެރިވެގެންވާ މައްސަރުތައް“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ބުނީ، މާތް ﷲގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތްކުރައްވައިފައިވާ ކަމަށެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުން ފެށިގެން އަހަރުގެ މަސްތައް ވަނީ ބާރަ މަސްދުވަސް ކަމުގައި ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ ވިދިވިދިގެން އަންނަ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހުގެ އިތުރުން ރަޖަބު މަހެވެ. ޖާހިލިއްޔަ ޒަމާނުގައި މި މަސްތަކަށް އުނި އިތުރު ގެނައި ނަމަވެސް، އިސްލާމްދީނުގައި މި މަސްތަކުގެ މަތިވެރިކަން ވަނީ ބަޔާންކޮށްދެއްވައިފައެވެ.
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ފާފަވެރި ޢަމަލުތަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށެވެ. އެއީ އެފަދަ ކަންކަމަކީ މާތް ﷲ މަތިވެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތް ކަނޑައި، އެ ކަންކަމަށް އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނިގޮތުގައި، މިފަދަ މަތިވެރި ދުވަސްތަކުގައި މުއުމިނުންގެ މައްޗަށްވަނީ ދުލުން ކުރެވޭ އަޅުކަންތައް ކަމަށްވާ ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުން ފަދަ ކަންކަން ގިނަކުރުމެވެ. މީގެ އިތުރުން ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، ނިކަމެތީންނަށް އެހީތެރިވުން ފަދަ ޢަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް އިތުރުކުރުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ހުތުބާ ނިންމާލަމުން ވަނީ ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުން ފަދަ ނުބައި ފާފަތަކުން ދުރުހެލިވެ، ހިތްތައް ޠާހިރުކުރުމަށް ގޮވާލައިފައެވެ. އަދި ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި ފާފަފުއްސެވުން ލިބިގަތުމަށް މަސައްކަތްކުރާ މީހާ ކަމުގައި ހުތުބާގައި ބުންޏެވެ.




