ސަރުކާރުން ކުރިއަށްގެންދާ ”ހިޔާވެހި ފައިނޭންސިން ސްކީމް“ ގެ ދަށުން މިހާތަނަށް 820 މީހަކަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
މި ސްކީމަކީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި، 25 އަހަރުން ފައިސާ ދައްކާގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ތިން ސްކީމަކަށެވެ. އެއީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ 1 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ސްކީމާއި، އާބަން ސެންޓަރުތަކަށް ޚާއްޞަ 3 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ސްކީމްގެ އިތުރުން، މާލެ ސަރަހައްދަށް ޚާއްޞަ 6 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ސްކީމެވެ. މީގެ ތެރެއިން ރަށްރަށަށް ދޫކުރާ ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހެއެވެ.
ގެދޮރު ބިނާކުރުމަށް ދޫކުރާ ލޯނުތަކުގެ އިތުރުން، ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި ޙައްގުވެރިންނާ ހަވާލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ތަރައްޤީކުރާ 800 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ހިމެނެއެވެ.
މި ސްކީމްތަކުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ބިމުގައި ގެދޮރު ނުހެދި ތިބި ފަރާތްތަކަށާއި، މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއީ ރައްޔިތުންނަށް އެކަށޭނަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.




