ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވި ދުވަސްވަރު، މިހާރު އެމަނިކުފާނާއެކު އިސްކޮށް އުޅުއްވާ ބޭފުޅުން ނުވަތަ ”ބޮނޑިބަތް ފެކްޝަން“ އުޅުނީ ފިލައިގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ޕާޓީ، ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ކުރެއްވިި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު، މިހާރު މަގުމަތީގައި ހަރަކާތްތެރިވާ ބޭފުޅުން ފެންނަން ނެތް ކަމަށާއި، އޭރު އެ ބޭފުޅުން އުޅުއްވީ ކޯޓު ރޫމްތަކުގައި ”ފިލްމު ކުޅެން“ ކަމަށެވެ. އަދި މުޒާހަރާއަކަށް އަންނަން ޖެހުމުން އެ ބޭފުޅުން ފިލާ ކަމަށާއި، ޤާނޫނީ މާހިރުންގެ ގޮތުގައި ތިއްބަވައިގެން ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
”މިއަދު މަގުމަތީގައި އެހުރީ ރައީސް ޔާމީން މިނިވަންކޮށް ގޭގައި ހުންނެވީމާ ދައްކަން. ޖަލުގައި އޮންނެވި ނަމަ އުޅޭނީ އުފާފާޅު ކުރަން ރާއްޖޭން ބޭރުގައި. ލަދުކުޑަ ބައެއް،“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބު އުޅުނީ ބޮޑު ސޯބުގެ ބެގީ ރީތިކުރަން ކަމަށާއި، މިހާރު ރައްޔިތުންނަށް އެ ބޭފުޅުންގެ އަސްލު ސޫރަ ސާފުވާނެ ކަމަށެވެ.
މަދު ސަޕޯޓަރުންތަކަކާއި އެކު ޕީއެންއެފް އިން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ފަށައިގެން ކުރިއަށްގެންދާ މި އެއްވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ބާއްވާ އެއްވުންތަކެކެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވީ، މިއީ ޕާޓީގެ އާންމު މެމްބަރުންގެ ވަރަށް ބޮޑު އެދުމަކަށް ފެށި ހަރަކާތެއް ކަމަށާއި، މި އިހުތިޖާޖުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.




