ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގައި ފިހިފައިވަނީ އެ ތެޔޮ ދޯނީގައި މަސައްކަތް ކުރާ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މީހާގެ ހާލު ސީރިއަސް ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ. ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އޭނާ މާލެ ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 9:15 ހާއިރު ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުން ކައިރީގައި ހުރި އިތުރު ތިން ދޯންޏެއްގައި ރޯވެ، ޖުމްލަ ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ގަޑިއިރެއްހާ އިރުގެ މަސައްކަތަށް ފަހު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އިއްޔެ ހެނދުނު 10:35 ހާއިރުއެވެ.
މި ހާދިސާގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކާ ގުޅޭގޮތުން ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި، ގެއްލުމުގެ ޖުމްލަ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.




