މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މަސްވެރިން ކިރުވި މަހަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،186 ޓަނުގެ މަސް އެކުންފުންޏަށް ވަނީ ކިރުވާފައެވެ. މަހުން މަހަށް ބަލާއިރު އެންމެ ގިނަ މަސް ކިރުވާފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 2،454 ޓަނުގެ މަސް ކިރުވާފައިވާއިރު، ފެބުރުއަރީ މަހު 1،108 ޓަނު އަދި މާރިޗު މަހު 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ވެސް ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ފެބުރުވަރީ މަހު 19 މިލިޔަން ރުފިޔާ އަދި މާރިޗު މަހުގެ ތެރޭގައި 29.3 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފަށާފައިވަނީ 11 ޑިސެންބަރު 2024 އިން ފެށިގެންނެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
މީގެ އިތުރުން، ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް، މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ވަނީ ފައިސާ ދޫކުރަން ފަށައިފައެވެ.



