ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފަށައިފިއެވެ.
ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގައި 11 ހެކްޓަރުގެ ބިންއިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، 10 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާއިރު، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއަކާއި، 704 މީޓަރުގެ ރިވެޓްމަންޓް އަދި 100 މީޓަރުގެ ގްރޮއިންއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ބިން ހިއްކުމުގެ އިތުރުން، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން، ގާދިއްފުށީގެ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އަދި ޗައިނާ ސަރުކާރުގެ އެހީގައި ކައުންސިލްގެ އާ އިމާރާތް އެޅުމާއި، ރަށުގެ ފުޓުބޯޅަ ދަނޑުގެ ޓާފް އާކޮށް ފެންސް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.




