ރާއްޖެއަށް މިއަދު ލިބިފައި ހުރީ ހެޔޮލަފާ، ރައްޔިތުންދެކެ ލޯބިވާ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ ހެޔޮލަފާ ރަނގަޅު ވެރިއަކު ގައުމަކަށް ލިބުމަކީ މަދުން ނޫނީ ނުވާ ކަމެއް ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ތިން ވެރިއަކާ މި ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމު ރައްޔިތުން ހަވާލުކުރި ނަމަވެސް، ރައްޔިތުންނަށާއި ގައުމަށް އެކަމުން ލިބުނު މޮޅެއް ނުވަތަ ފައިދާއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއީ މިއަދު ދިވެހި ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އެތައް ބައެއްގެ އިޚްލާސްތެރި ބުރަ މަސައްކަތުން މިއަދު މި ގައުމަށް ލިބިފައި ހުރީ ހެޔޮލަފާ، އިޚްލާސްތެރި އަދި ގައުމާއި ރައްޔިތުންދެކެ ލޯބިވާ ރައްޔިތުންގެ އަޑުއައްސަވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.




