އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކޮށް، ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ޕާކިސްތާނުން ބާރުއަޅަމުންދާ ކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.
ޕާކިސްތާން ސަރުކާރުގެ މަތީ ފަންތީގެ މަސްދަރަކުން އަލް-ޖަޒީރާ ނޫހަށް ދިން މައުލޫމާތުގައި ވާގޮތުގައި، މި މަޝްވަރާތައް ރޭވިފައިވާ ގޮތުން، ދެ ޤައުމުގެ ވަފުދުތަކުގެ އިސްވެރިން ސަލާމްކުރެއްވުމަށްފަހު، ޕާކިސްތާނުގެ އިސް އޮފިޝަލަކު މެދުވެރިއެއްގެ ގޮތުގައި ހުންނަވައިގެން ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޒާމުގެ ދަށުން، އީރާނުގެ ވަފުދުގެ މެންބަރުން އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގޭގައެވެ. އޭގެ ފަހުން އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާން ސަރުކާރުގެ މަސްދަރުން ހާމަކުރި ގޮތުގައި، ދެ ފަރާތް ސީދާ މަޝްވަރާތަކުގައި ބައިވެރިކުރުވުމަށް ޕާކިސްތާނުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ، މިއީ ސަރަޙައްދީ ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، ސީދާ މަޝްވަރާތަކަށް އެއްބަސްނުވެވިއްޖެ ނަމަ، މަޝްވަރާތައް ކުރިއަށްދާނީ ނުސީދާކޮށް ކަމަށާއި، މި މަޝްވަރާތައް މިއަދުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވެއެވެ.
މުޅި ދުނިޔޭގެ މަސްލަޙަތު އޮތް މިފަދަ ނާޒުކު މަޝްވަރާތަކެއްގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާނުން އިސްނެގީ، އީރާނުގެ އިތުރުން އެމެރިކާއާ އެކު ވެސް އެ ޤައުމުން ބާއްވާ ގާތް ގުޅުމުގެ ސަބަބުންނެވެ. ޕާކިސްތާނަކީ ސަރަޙައްދީ އެހެން ބައެއް ޤައުމުތަކާ ޚިލާފަށް، އެމެރިކާގެ އަސްކަރީ މަރުކަޒެއް ނެތް ނަމަވެސް، އެމެރިކާއާ އެކު އަސްކަރީ ގޮތުން ވަރުގަދަ ގުޅުމެއް އޮންނަ ޤައުމެކެވެ.
މާހިރުން ޤަބޫލުކުރައްވާ ގޮތުގައި، ދެ ޤައުމުން ވެސް ޕާކިސްތާނަށް ކުރާ އިތުބާރު ބޮޑުވުމަކީ މި މަޝްވަރާތައް ކާމިޔާބުވުމަށް އޮތް ފުރުޞަތެކެވެ.
މިވަގުތު އީރާނުގެ ވަފުދުން ދަނީ ޕާކިސްތާނުގެ ބޮޑުވަޒީރާ އެކު އިސްލާމްއާބާދުގައި މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.




