އައްޑޫ ސިޓީގައި ގާއިމުކުރާ ދެކުނުގެ ސަރަހައްދީ ކުނި މެނޭޖުކުރާ ނިޒާމުގެ ދެވަނަ ފިޔަވަހީގެ ދަށުން ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫއަކީ ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާތަނަށް ގާއިމުކޮށްފައިވަނީ ކުނި އަންދައިގެން ހަކަތަ އުފައްދާ ޒަމާނީ އިންސިނެރޭޝަން ނިޒާމެކެވެ. ނަމަވެސް، އެ ތަނަކީ ފުރިހަމަ ސަރަހައްދީ މަރުކަޒަކަށް ހެދުމަށްޓަކައި އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން ކުނި ވަކިކުރާނެ ނިޒާމަކާއި، ކުނި އެންދުމަށްފަހު ބާކީވާ ބައި ބަހައްޓާނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމަށް ވަނީ ރޭވިފައެވެ.
”އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި. ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. މި ޕްރޮޖެކްޓަށް ފައިސާ ވަނީ ހަމަޖެހިފައި،“ މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.
މީގެ އިތުރުން، އެކި ހިސާބުތަކުން ގެންނަ ކުނި ފެސިލިޓީއަށް ބޭލުމަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާއި، ބައެއް ބާވަތްތައް އަލުން ބޭނުންކުރެވޭ ގޮތަށް ރިސައިކަލް ޕްލާންޓެއް ގާއިމުކުރުން ވެސް މި ފިޔަވަހީގައި ހިމެނެއެވެ.
މި މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މިއީ ވަށާޖެހޭ ޒަމާނީ ނިޒާމަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ދެކުނުގެ ސަރަހައްދަކީ ގިނަ އަދަދެއްގެ ރިސޯޓުތައް ހިމެނޭ ސަރަހައްދަކަށް ވުމާއެކު، މި ނިޒާމު ފުރިހަމަވުމުން މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯޓުތަކަށް ވެސް ކުނި މެނޭޖުކުރުމުގެ ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެއެވެ.
އައްޑޫ ސިޓީގައި މިހާރު ވެސް ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންނެވެ.



