ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި މަޝްރޫޢުގެ 281 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މަގު ހެދުމުގެ މުޅި މަޝްރޫޢުގެ ތެރެއިން ޖުމްލަ 803 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާތަނަށް 281 މީޓަރުގެ މަސައްކަތް ނިމިފައިވާއިރު، ބާކީ ހުރި 522 މީޓަރުގެ ސަރަހައްދު ޝީޓްޕައިލް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަޝްރޫޢުގެ ސެގްމެންޓް 5ގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރު ދުވެއްޔެއްގައި ކަމަށެވެ.
”ބާކީ މިއޮތް 4 ސެގްމެންޓުގެ ތެރެއިން 5 ވަނަ ސެގްމެންޓުގެ ޝީޓްޕައިލްގެ މަސައްކަތް މިހާރު ނިންމާ މަގުގައި މިކުރަންޖެހޭ ސައިޑްވޯކް މަސައްކަތްތަކާއި، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރިއަށްދަނީ،“ ޝަރްވަސް ވިދާޅުވިއެވެ.
ޝަރްވަސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ބާސެލޯއިން ފަށައިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފޭސް 1ގެ ސެގްމަންޓް 2 އިން 5އާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. މިއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެކެވެ.
މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީ ކުރަނީ މަގުގެ ޖާގަ ބޮޑުވާނެހެން އިތުރަށް ފުޅާކޮށްގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ކުރިން ނިމުނު ދެ ސެގްމެންޓުގެ ފަރުމާއާ އެއްގޮތަށެވެ. މީގެ އިތުރުން، މަގުގައި ޒަމާނީ ފެންވަރަށް ތާރުއެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި، ޕޭވްމަންޓު ހެދުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.




