އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށިފައިވާ ހަނގުރާމައަށް ފަހު، ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަމަތީ ދެ މަނަވަރު ހޮރްމޫޒް ކަނޑުއޮޅިން އެއްވެސް ނުރައްކަލަކާ ނުލައި ދަތުރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ މަނަވަރުތައް އެ ކަނޑުއޮޅިން ދަތުރުކުރިއިރު އެއްވެސް ނުރައްކަލެއް ދިމާނުވާ ކަމަށް، އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ.
މި ދަތުރާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާއިން ދަނީ ކަނޑުއޮޅިން މައިނުތައް ނައްތާލައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
”އަޅުގަނޑުމެން މިހާރު މި ފަށަނީ ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމުގެ މަސައްކަތް،“ ޓްރަމްޕް އޭނާގެ ’ޓްރުތް ސޯޝަލް‘ ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ މި މަސައްކަތް އަމިއްލައަށް ކުރުމުގެ ހިތްވަރެއް ނެތް ޗައިނާ، ޖަޕާން އަދި ފްރާންސް ފަދަ ގައުމުތަކަށް ކޮށްދޭ ހެޔޮކަމެކެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އީރާންގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނޫން ކަމަށް އެމެރިކާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ އެކްސިއޯސްއިން ވަނީ ބުނެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ހަނގުރާމައިގައި އީރާނަށް ކުރިމަތިވަމުން ދަނީ ބޮޑު ބައްޔެކެވެ. ނަމަވެސް، ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ އެ މުހިންމު ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިނުތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ބޮން އަޅަން ފެށި ފަހުން، އީރާނުގެ އައްސޭރިފަށުގައި އޮންނަ މި މުހިންމު ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އެއް ޝަރުތަކީ އެ ކަނޑުއޮޅި އަލުން ހުޅުވުމެވެ.




