އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ހަ ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމަށް ފާސްކޮށްފިއެވެ.
މި ނިންމުންތައް ނިންމާފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިރޭގެ ބައްދަލުވުމުގައި ފާސްކުރި ހަ މެމްބަރުންގެ އިންޓެރިމް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
މި ކޮމިޓީ ދެމިއޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.
ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނަށް ގައުމީ މަޖިލީހުން ދާއިމީ ފުރުސަތު ދިނުމަށް ނިންމައި، އެކަން ދެން އެންމެ އަވަހަކަށް ބާއްވާ ކޮންގްރެސްއެއްގައި ފާސްކުރުމަށް ވެސް މި މަޖިލީހުގައި ވަނީ ނިންމާފައެވެ.
މި ބަދަލުތައް ޕާޓީގެ ހިންގުމަށް ގެނައުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ، އެމްޑީޕީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ އެކި ފެކްޝަންތަކުގެ މެދުގައި ފާއިތުވި ދެ ދުވަހު ކުރިއަށްދިޔަ ދިގު މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އާދެވިގެންނެވެ.




