ހުޅުމާލޭ ފޭސް 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިގެން ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2 ގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން އެންމެ ފުރަތަމަ ހާމަކުރީ މިއަދު މެންދުރުފަހު 3:21 ގައެވެ.
އޭގެ ފަހުން ސްޓެލްކޯއިން ބުނެފައިވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި، ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވޭނެ ކަމަށެވެ.
ނަމަވެސް، އެ މަސައްކަތް ކުރިއަށް ދަނިކޮށް އިތުރު މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
”ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން،“ ސްޓްލްކޯއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދެމުން ސްޓެލްކޯއިން އިތުރަށް ބުނީ، މި ދަތި ވަގުތުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން ކަމަށެވެ.



