ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެކި ނަންނަމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ހާމަކުރެއްވި ގޮތުގައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް ހުއްދަ ނެތް ބޭސްތައް އިމްޕޯޓްކޮށް، އޮންލައިން މަސްދަރުތަކުގައާއި ބައެއް އާންމު ފިހާރަތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އަދި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އާންމުންގެ ގިނަ ބަޔަކު މިފަދަ ތަކެތި ގަނެ ބޭނުންކުރަމުންދާ ކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫންކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު އެ އޮތޯރިޓީން ވަނީ ދީފައެވެ.
މިފަދަ ބޭސްތަކުގެ ސަބަބުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަމަށް އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ވިދާޅުވީ، މިފަދަ ބޭސްތަކަކީ ކަނޑައެޅިފައިވާ ހުއްދަތައް ނަގައިގެން ފާމަސީތަކުގައި ވިއްކޭނެ ތަކެތި ކަމަށެވެ. ނަމަވެސް މިހާރު ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކަމުންދާ ތަކެތި މާކެޓުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.




