އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް، އެ މައްސަލަތައް ބެލުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތައް ނުބެލޭ ކަމަށް ބުނެ އެމްޑީޕީން ޝަކުވާ ކުރަމުންދާ ކަމަށެވެ.
ނަމަވެސް، މިވަގުޓު އޭސީސީގައި އެންމެ ގިނައީވެސް އެމްޑީޕީގެ އިސް ފަރާތްތަކާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައްކަން ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހްގެ ވާހަކައިގައި އެމްޑީޕީގެ ދައުރުގައި ހިނގާފައިވާ ބައެއް ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން ހަތަރު ބިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށާއި ރައްޔިތުންނަށް ދިން ހިދުމަތްތަކަކީ ދަރަންޏަށް ހިންގާފައިވާ ކަންކަން ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، އާރްޑީސީގެ ތިޖޫރީ ކެމެރާތަކުގެ ކުރިމަތީގައި ހުއްޓާ ގެއްލުނު މައްސަލައާއި، ކޮވިޑް-19 ގެ ނާމާން ދުވަސްވަރު ވެންޓިލޭޓަރުތަކަށް ވީގޮތެއް ނޭނގި ގެއްލިގެންދިޔަ ދިޔުމަކީ ދިވެހި ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑެތި ހިޔާނާތްތައް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ސާބިތުވެފައެއް ނުވާނެ ކަމަށާއި، އަދި ހެއްކާއެކު އެފަދަ މައްސަލައެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައެއްވެސް ނުވާ ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް އޮޅުވާލައިގެން ވެރިކަމަށް އައުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ވެރިކަމެއްގައިނަމަ ސިޔާސީ ހުރިހާ ވާދަވެރިން ތިބޭނީ ޖަލުގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.




